Tuesday, October 15, 2013

ބަލަންޖެހޭނީ ޝައްކުކުރެވޭ ފިންގަޕްރިންޓްތައް އެކަނި: ޔާމީން

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން އަލުން ރަޖިސްޓްރީކޮށް، ހުށަހަޅާ ފޯމްތަކުގެ ތެރެއިން ބަލަންޖެހޭނީ ޝައްކު ކުރެވޭ ފޯމްތައް އެކަނި ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ޔާމީން އެގޮތަށް ވިދާޅުވީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީކޮށް، ހުށަހަޅާ ފޯމްތަކުގެ ތެރެއިން ބަލަންޖެހޭނީ ހުރިހާ ފޯމްތަކެއް ނޫން ކަމަށާއި ޝައްކު ކުރެވޭ ފޯމްތައް އެކަނި ކަމަށެވެ. އަދި 60،000 މީހުންގެ ފޯމް ޗެކް ކުރަން ހަ މަސް ދުވަސް ހޭދަވާނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްގެން އެއަށްވުރެ ކުރު މުއްދަތެއްގައި އެކަން ކުރެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

" ޕީޕީއެމުން ފުރަތަމަ ގަބޫލެއް ނުކުރަން ހަ މަސް ދުވަސް ނަގާނެ ކަމަކަށް، އެއީ ޕީޕީއެމުން މި ދައްކަނީ މި ރާއްޖޭގައި ވޯޓުލުމުގެ ހައްގު އޮތް ދެ ލައްކަ މީހުންގެ ފިންގަޕްރިންޓް ބަލާ ވާހަކައެއް ނޫން. އަޅުގަނޑުމެން މި ދައްކަނީ ރީ ރަޖިސްޓްރީ ކުރާ މީހުންގެ ފިންގަޕްރިންޓް ބަލާ ވާހަކަ.އަދި ރީ ރަޖިސްޓްރީ ކުރާ މީހުންގެ ތެރެއިން ވެސް ޝައްކު ކުރެވޭ މީހުންގެ ފިންގަޕްރިންޓް ބެލެންވާނެއޭ، އެހެންވީމާ ފުލުހުން ވެސް ވަސީލަތްތައް އިތުރު ކުރަންޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަންތައް ނުބެލޭނެ ކަމަށްވާ ނަމަ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ޕީޕީއެމުން ސޮއި ނުކުރާނެ ކަމަށާއި ސަބަބަކީ އިންތިޚާބާ ބެހޭ ގާނޫނުގައި ބުނާ ސައްހަ ލިސްޓެއް ކަމަށް އެ ލިސްޓު ނުވާނެތީ ކަމަށެވެ. އެކަމަކު ލިސްޓު ސައްހަކޮށްފި ނަމަ ލިސްޓުގައި ޕީޕީއެމުން ސޮއިކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ ފިންގަޕްރިންޓް ޗެކް ކުރުމަށް އެކަށީގެންވާ ވަގުތު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް ސުޕްރީމް ކޯޓުން ދީފައިވާ ގައިޑް ލައިންތަކާ އެއްގޮތަށް އަމަލުކުރެވިދާނެތޯ ބެލުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް އެ ކޯޓުގެ ހުކުމުގައި އަންގާފައިވާތީ އެކަމަށް އެ ކޮމިޝަނަށް ފުރުސަތު ލިބުނު ކަމަށެވެ. އަދި ފިންގަޕްރިންޓަކީ ޗެކް ކުރަންޖެހިދާނެ އެއްޗެއްކަން އިލެކްޝަންސް ކޮމިޝަނަށް ކުރިން ވެސް އެނގޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީންވިދާޅުވީ ދެވަނަ ބުރަކަށް ގާސިމް ވަޑައިގެންފި ނަމަ ގާސިމްގެ ފަހަތަށް ވަޑައިގަންނަވާނެ ކަމަށާއި އެ ވާހަކަ ކުރިން ވެސް ދައްކާފައިވާނެ ކަމަށެވެ. އަދި އެއް ކެނޑިޑޭޓަކު ނެރުމަށްޓަކައި އޭނާގެ ފަހަތްޕުޅަށް ވަޑައިގަތުމުގެ ފުރުސަތު ގާސިމަށް އެބައޮތް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ގާނޫނުތައް އޮތްގޮތުން އެއް ކެންޑިޑޭޓަކު ނެރުމަށްޓަކައި ރަނިންމޭޓުންގެ މަގާމުތައް މިހާރު ބަދަލުކުރެވެން ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއް ކެންޑިޑޭޓަކު ނެރުމަށްޓަކައި ހަމައެކަނި މަޝްވަރާކުރަންޖެހޭނީ ކެންޑިޑޭޓުންނާ ނޫން ކަމަށާއި ޑިމޮކްރަސީއެއްގައި އެފަދަ ނިންމުމެއް ނިންމާއިރު ރައްޔިތުންނާ ވެސް މަޝްވަރާ ކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެއް ކެންޑިޑޭޓަކު ނެރުމަށްޓަކައި އޭނާގެ ނަން އަނބުރާ ގެނެސްފި ނަމަ އޭގެ ސަބަބުން ޕީޕީއެމްގެ އެތައް ބައެއްގެ ހައްގު ގެއްލިގެންދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ނަޝީދުގެ ކެންޑިޑެސީ މިވަގުތު ބާތިލްކުރަންޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ރައީސްކަމުގެ މަގާމުގައި ހުންނަން ގާނޫނު އަސާސީ ލާޒިމްކުރާ ޝަރުތުތައް ނަޝީދުގެ ކިބައިގައި ފުރިހަމަވެފައިވޭތޯ ނުވަތަ ނޫންތޯ މިހާތަނަށް ކަނޑައެޅިފައިނުވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަން ކަނޑައެޅުމަށް މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

No comments:

Post a Comment

 
Top