Tuesday, October 15, 2013

ނޮވެމްބަރު 11ގައި ވެރިކަން ބަދަލުވުން މުހިއްމު: އޮސްޓްރޭލިއާ

މިނިވަން، އިންސާފުވެރި އަދި ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ އިންތިޚާބެއް ބާއްވައި، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ
ފަދައިން ނޮވެމްބަރު 11ގައި އާ ރައީސަކާ ވެރިކަން ހަވާލުކުރުމަކީ މުހިއްމު ކަމެއް ކަމަށް އޮސްޓްރޭލިއާ އިން މިއަދު ބުނެފި އެވެ.

ސްރީ ލަންކާގައި ހުންނަ އޮސްޓްރޭލާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހަމަޖެހިފައިވާ ގޮތަށް އަންނަ ހޮނިހިރުދުވަހު އިންތިޚާބު ބޭއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީން ކަން ސަރުކާރުން ދީފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ވޯޓު ލުމުގައި ރައްޔިތުން ބައިވެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތް ފާހަގަކުރާ ކަމަށް ވެސް ބުންޏެވެ.

"ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން ބޭއްވޭ ސުލްހަވެރި އިންތިޚާބެއް މެދުވެރިކޮށް ޑިމޮކްރެސީގެ އުސޫލުތަކާއި ގާނޫނުގެ ހުކުމް ނެގެހެއްޓުމަށް ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ގޮވާލަމެވެ. އަދި މިނިވަން، އިންސާފުވެރި އިންތިޚާބެއްގެ ނަތީޖާ ގަބޫލުކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

އޮސްޓްރޭލިއާ އިން ވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ އެންމެން ވޯޓުގައި ބައިވެރިވުމަށް ވެސް ގޮވާލައިފަ އެވެ. އަދި ބުނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންތައްތައް ވާނުވާ ގޮތް ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ. 

މިދިޔަ މަހުގެ ހަތެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށް އަލުން އިންތިޚާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ ކޯޓުން ކަނޑައަޅާފައިވާ ފަދައިން މިމަހުގެ 20ގެ ކުރިން އިންތިޚާބު ބޭއްވުމަށް ބޭރުގެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އެއާއެކު، ކޮމަންވެލްތާއި އދ.ގެ އިތުރުން އެމެރިކާ އާއި އިނގިރޭސިވިލާތާއި އިންޑިއާ ފަދަ ގައުމުތަކުން ވަނީ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ އިންތިޚާބަކަށް ހެދުމަށް ގޮވާލައިފަ އެވެ.

No comments:

Post a Comment

 
Top