Tuesday, October 15, 2013

ބުރުގާ އަޅައިގެން ނުކުޅެވޭ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް: ހާފިޒް

 ޗައިނާގައި މިދިޔަ މަހު އޮތް އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ 18 އަހަރުން ދަށުގެ އަންހެން ބާސްކެޓްބޯޅަ ޓީމު ބައިވެރިނުވީ ބުރުގާ އަޅައިގެން ނުކުޅެވޭނެތީ ކަމަށާއި އެ މައްސަލަ އަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ހާފިޒް ވިދާޅުވެއްޖެ އެވެ.


ތައިލެންޑުގައި މޭ މަހު އޮތް ފީބާ އޭޝިއާގެ 18 އަހަރުން ދަށުގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތުން ރާއްޖޭން ވަކިވީ ވެސް ބުރުގާ އަޅައިގެން ނުކުޅެވޭތީ އެވެ.

"އަޅުގަނޑުމެންގެ 18 އަހަރުން ދަށުގެ ޓީމު ޔޫތު ގޭމްސްގައި ވާދަކުރާ ގޮތަށް އޮތީ. އެކަމަކު ޓީމު ލިސްޓް ހުށަހެޅުމުގެ ކުރިން އަޅުގަނޑުމެން ވަކިވާން ނިންމީ ބުރުގާ އަޅައިގެން ނުކުޅެވޭނެތީ،" ހާފިޒް ވިދާޅުވި އެވެ.

ހާފިޒް ވިދާޅުވީ ބުރުގާ މައްސަލައިގައި ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާ އިން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

"ރާއްޖޭގެ އިތުރުން ވަރަށް ގިނަ އިސްލާމީ ގައުމުތަކުން ހުށަހަޅައިގެން ފީބާ އޭޝިއާގައި ވެސް މި މައްސަލައިގައި މަޝްވަރާކުރި. ފީބާގެ އެގްޒެކެޓިވް ކޮމެޓީގައި ޔުނިފޯމް މައްސަލައިގައި ވަރަށް އަވަހަށް މަޝްވަރާކޮށް ގޮތެއް ނިންމާނެ. އުއްމީދުކުރަން މި މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް،" ހާފިޒް ވިދާޅުވި އެވެ.

ބާސްކެޓްބޯޅައިގެ ގަވާއިދުގައި ބޯނިވާކޮށްގެން ނުކުޅެވޭ ގޮތަށް އޮތް ނަމަވެސް މީގެ ކުރިން ރާއްޖެ އަށް ބުރުގާ އަޅައިގެން ކުޅުމުގެ ފުރުސަތު ދީފައިވެ އެވެ. އެކަމަކު މޭ މަހު ގަތަރުގައި ބޭއްވި މުބާރާތެއްގައި ދިމާވި މައްސަލައަކާ ގުޅިގެން އެ ފުރުސަތު ފަހުން ނުދިނީ އެވެ.

No comments:

Post a Comment

 
Top