Tuesday, October 15, 2013

ރިިޔާސީ އިންތިޚާބުގެ އެހާރާއި މިހާރު: ކަތީބެއްގެ ނަޒަރުން

ފުވައްމުލަކު ފުނާޑު އަވަށުގެ ކަތީބުކަން 27 އަހަރު ކުރެއްވި އަދުނާން އިބްރާހިމް ދީދީ، 72، އަކީ ރިޔާސީ އިންތިހާބުތަކުގެ ތަޖުރިބާ ބޮޑު ބޭފުޅެކެވެ. ބައެއް ފަހަރު ހިތްދަތި ތަޖުރިބާތަކެވެ. ކަތީބުގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބުތަކުގެ ކަންކަން ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރެއްވުމުން އަދުނާނަށް ކުރެއްވުނު ތަޖުރިބާތަކާއި ފެނުނު މަންޒަރުތައް ގިނަ އެވެ. ވަޒީފާއިން ގެއަށް ބަދަލުކުރި އެވެ. ސިފައިންގެއަށް ގެންގޮސް ސުވާލުކުރި އެވެ. ނަމަވެސް އެއީ މިއަދު އޭނާ ހަނދާން ކުރަން ބޭނުން ދުވަސްތަކެއް ނޫނެވެ. އޭނާ އާކުރައްވަނީ 2008 ގެ ފަހުން ލިބިވަޑައިގެން މިނިވަންކަމެވެ.

އޭގެ ކުރީގެ ވާހަކަތަކަކީ އަދުނާން ވިދާޅުނުވިއެއް ކަމަކު އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ވޯޓު ފޮށީގައި އަތް އަޅައި ބަންދު ކުރުމާއި އަތޮޅުގެއަށް ވޯޓު ފޮށި ވައްދާ ވޯޓަށް އުނިއިތުރު ގެނައުމުގެ ވާހަކަ ވެސް އަޑުއިވެ އެވެ. އަދުނާން ވެސް ހުންނެވީ އެކަންކަން ފެނިވަޑައިގެންފަ އެވެ. އެ ހުރިހާ ކަމެއްގެ ތުހުމަތުގެ އިނގިލި ދިއްކުރީ ކަތީބުންނާއި އަތޮޅުވެރިންނަށެވެ. ނަމަވެސް އެކަމަކާ އޭނާ އަޅައެއް ނުލައްވަ އެވެ. އެ ހުރިހާ އަޑުތަކެއް ކެޑި އެކަންކަމުގެ މަތިން ދިވެހިން ހަނދާން ނެތުނީ 2008ގެ އިންތިހާބަށް ފަހު އެވެ.

އެ ދުސްވަތަކަށް ފަހު ރާއްޖޭގައި ބޭއްވި ދެވަނަ ޑިމޮކްރަޓިކް އިންތިހާބެއްގެ ފުރަތަމަ ބުރު ނިމިއްޖެ އެވެ. ދެވަނަ ބުރުގެ ހިޔާ މިވަނީ މުޅި ރާއްޖެ އަށް އެޅިފަ އެވެ. މިފަދަ ދަނޑިވަޅެއްގައި ކުރީގެ ކަތީބެއްގެ ހައިސިއްޔަތުން އަދުނާނަށް ކުރެއްވޭ އިހުސާސްތައް އޭނާ "ހަވީރަ"ށް ހިއްސާކުރެއްވި އެވެ. އިއްޔެ ވޯޓު ލެއްވިއިރު އޭނާ ކުރައްވާ އިހުސާސްތައް ތަފާތެވެ. އަދުނާން ވާހަކަ ފެއްޓެވީ "އެއީ މިނިވަން ކަމުގެ އިހުސާސެއް" ކަމަށް ވިދާޅުވަމުންނެވެ.

"މިހާރުގެ އިންތިހާބު އުޑާއި ބިމާހާ ތަފާތުވޭ. މިހާރު ޑިމޮކްރަސީގެ އުސޫލުން މިދަނީ. މިހާރު ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް ވޯޓު ފޮއްޓާ ހަމައަށް ދިޔައިމާ އެބަ އޮވޭ މިނިވަންކަން ކޮންމެ ކެންޑިޑޭޓަކަށް ވެސް ވޯޓުލާން. މިއީ ރައްޔިތުންނަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑަށް މިހާރު އިހުސާސް ކުރެވެނީ އަނދިރި ޖަންގައްޔެއްގައި ތިބެފައި އަލިހަވާސާ ތަނަކަށް ނުކުމެވުމުން ކުރެވޭ ކަހަލަ އިހުސާސެއް،" ތާރީހު ދިރާސާކުރެއްވުމުގައި ވެސް އުޅުއްވާ އަދުނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުން 2008ގެ ފަހުން އިންތިހާބުތަކުގައި ވޯޓުލުމަކީ އޭނާ އަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކާއި ފަޚުރެކެވެ. އޭރުގެ އިންތިޚާބުތަކާއި މިހާރުގެ ރިޔާސީ އިންތިހާބު އޭނާ ސިފަކުރައްވަނީ އުޑާއި ބިމާހާ ތަފާތު ކަމެއްގެ ގޮތުގަ އެވެ. ގައުމުގެ ތަރައްގީގައި ނުފޫޒެއް ނެތި ބައިވެރިވުމުގެ އުފާވެރި އިހުސާސްތައް އޭނާ އަށް ކުރެއްވެ އެވެ.

"އޭރު އެއިވޭ އަޑުތަކަކީ އެއީ ކޮށްގެން ނުވާނެ ކަންކަން ކަމުގެ ގޮތުގައި ގަބޫލުކުރަން. ކިހިނެތްތޯ އަޅުގަނޑުމެން ހިތްހަމަޖެހޭނީ މިނިވަންކަމާ އެކު ބޭނުންވާ މީހަކަށް ވޯޓު ނުލެވެންޏާ. އެކަކު ވެސް ހިތްހަމައެއް ނުޖެހޭނެ. ބޭނުމެއް ވެސް ނުވާނެ އެގޮތަށް ކަންތައްތައް ވާކަށް. މިހާރުގެ އިންތިހާބުތަކުން އަޅުގަނޑުމެންނަށް އުފާވެރިކަން މިގެނެސްދެނީ،" އަދުނާން ވިދާޅުވި އެވެ.

އޭނާ އަބަދުވެސް ދެކެވަޑައިގެންނެވި ގޮތުގައި ރިޔާސީ އިންތިހާބަކީ ރައްޔިތުން އެމީހުން ބޭނުންވާ ވެރިއަކު އިހުތިޔާރު ކުރުމަށް ދޭން ޖެހޭނެ ފުރުސަތެކެވެ. އެހެން ނޫން ނަމަ ގައުމަށް ހަމަޖެހުމާއި އުފާފާގަތި ދުވަސްތަކެއް ނުލިބޭނެ އެވެ. ހަލަބޮލި ދުވަސްތަކަކަށް ފަހު ރާއްޖެ އަށް ހަމަޖެހުމުގެ ނޭވާއެއް ލުން ބިނާވަނީ އިންތިހާބުގެ މިނިވަންކަމުގެ މައްޗަށް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ޑިމޮކްރަސީއެއް ބިނާވާ އެންމެ މުހިންމު އެއްޗަކީ ވޯޓު. އެކަމުގެ މަތީގައި މުޅި ޑިމޮކްރަސީ މި ބިނާވަނީ. ރާއްޖޭގެ މުސްތަގުބަލު ވެސް މި ބިނާވަނީ ރިޔާސީ އިންތިހާބެއްގެ މައްޗަށް. މިއީ ރާއްޖޭގެ ތާރީހުގައި މުހިންމު ތާރީހީ ދުވަސްތަކެއް،" އަދުނާން ވިދާޅުވި އެވެ.

No comments:

Post a Comment

 
Top