Tuesday, October 15, 2013

ރަސޫލާގެ މިސްކިތުގައި ދުއާކުރުމާ އެކު މީހެއްގެ ލޮލުގެ ފެނުން އަނބުރާ ލިބިއްޖެ

މީގެ ހަތް އަހަރު ކުރިން ލޮލުގެ ފެނުން ގެއްލިފައިވާ ސޫދާނު އަންހެނަކު، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައި ދުއާކުރުމާ އެކު ލޮލުގެ ފެނުން އަނބުރާ ލިބިއްޖެ އެވެ.

ސައޫދީ ގެޒެޓްގައި ބުނެފައި ވަނީ އުމުރުން 60 އިން މައްޗަށް ގޮސްފައިވާ ފާތިމާ އަލް މާހީ ރަސޫލާގެ މިސްކިތަށް ވަދެ ދުއާ ކުރުމުން ލޮލަށް ފެންނަން ފެށުމުން الله أكبر އޭ ގޮވަން ފެށި ކަމަށެވެ.

ފާތިމާއާ ހަވާލާދީ ނޫހުގައި ބުނެފައި ވަނީ ލޮލަށް ފެނޭތޯ ބެލުމަށް އެތައް ފަހަރަކު އޮޕަރޭޝަން ވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ލޮލުގެ ފެނުން ގެއްލުނީ ކީއްވެގެން ކަމެއް ނުބުނެ އެވެ.

"ރަސޫލާގެ މިސްކިތުގައި އިހްލާސްތެރިކަމާ އެކު އަހަރެން ދުއާކުރީ ލޮލުގެ ފެނުން އަނބުރާ ދެއްވާތޯ. ﷲގެ ރަހުމަތާ އެކު އަޖައިބުކުރުވަނިވި ގޮތަކަށް އަހަންނަށް އަލިކަން ފެންނަން ފެށީ. އަހަރެން ދެފަރާތަށް އެނބުރި ބެލި އިރު ވަރަށް ރީއްޗަށް މިސްކިތް ފެނޭ. އަހަރެން ގޮވައިގެން މިސްކިތަށް ގޮސް ހުރި އަހަރެންގެ ފިރިހެން ދަރިފުޅު ވެސް ފެނުމާ އެކު ލިބުނީ އާދަޔާ ހިލާފް އުފާވެރިކަމެއް،" ފާތިމާއާ ހަވާލާދީ ސައޫދީ ގެޒެޓްގައި ބުނެފައިވެ އެވެ.

ފާތިމާ ބުނެފައި ވަނީ އޭނާގެ އަމިއްލަ ސޫރަ ހަތް އަހަރަށް ފަހު ފެނިއްޖެ ކަމަށާއި އޭނާގެ ލޮލުގެ ފެނުން އަނބުރާ ލިބުނުކަން އެނގުމާ އެކު ފިރިހެން ދަރިފުޅު ވެސް އުފަލުން ރޯންފެށި ކަމަށެވެ.

"އަހަންނާ އެކު ހައްޖަށް އައިސްގެން އުޅޭ ސޫދާނު އެހެން މީހުން ވެސް މިހާރު ފެނޭ. މީހެއްގެ އެހީތެރިކަމާ ނުލައި މިހާރު އަހަންނަށް އުޅެވޭ،" ފާތިމާ ބުނެފަައިވެ އެވެ.

ފާތިމާ ބުނެފަައި ވަނީ މިދިޔަ ހަތް އަހަރު ލޮލަށް ނުފެނުނު ކަމުގައި ވިޔަސް އެންމެ ފަހަރަކު ވެސް އުންމީދު ކަނޑާނުލައި ކަމަށެވެ.

No comments:

Post a Comment

 
Top