Tuesday, October 15, 2013

ސްޓޭޑިއަމްގައި އީދު ނަމާދުކުރުން ވިއްސާރައާ ގުޅިގެން ކެންސަލްކޮށްފި

މާފަންނު ސްޓޭޑިއަމްގައި މާދަމާ ކުރަން ނިންމާފައިވާ އަޟްހާ އީދު ނަމާދު، މިހާރު މާލެ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ދެންމެ ކެންސަލް ކޮށްފި އެވެ.

އިސްލާމިކް އެފެއާޒް މިނިސްޓަރު މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ސްޓޭޑިއަމްގައި އީދު ނަމާދުކުރުން ކެންސަލްކުރީ މެދުކެނޑުމެއް ނެތި ވާރޭ ވެހެމުން ދިއުމާ ގުޅިގެން އެ ސަރަހައްދު ތައްޔާރު ކުރުމުގައި ދިމާވި ދަތިތަކާ ގުޅިގެންނެވެ.
"އެހެން ނަމަވެސް އިސްލާމީ މަރުކަޒުގަ އާއި މާލޭގެ އެހެން މިސްކިތްތަކުގައި އީދު ނަމާދުކުރުން ކުރިން ރޭވިފައިވާ ގޮތަށް ކުރިއަށް ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މެޓުން ބުނެފައި ވަނީ ރާއްޖެ އަށް މިހާރު ކުރަމުންދަނީ އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އެރި ތޫފާނު ޕައިލިންގެ ވިއްސާރަ ކަމަށެވެ. ނަމަވެސް ރާއްޖެ އަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ބުނެފަ އެވެ. 

ފަހަކަށް އައިސް މާލޭގައި އީދު ނަމާދުގެ "ރަސްމީ ޖަމާއަތް" ބާއްވަނީ ސްޓޭޑިއަމްގަ އެވެ. މިދިޔަ އަހަރު ވެސް މާލޭގައި އަޟްހާ އީދު ނަމާދުގެ "ރަސްމީ ޖަމާއަތް" ގައި ބައި ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރުގެ ފިތުރު އީދު ނަމާދާއި މި އަހަރުގެ ފިތުރު އީދު ނަމާދު ވެސް ސްޓޭޑިއަމްގައި ކުރިއެއެވެ.

No comments:

Post a Comment

 
Top