Thursday, July 18, 2013

މޯލްޑިވިއަންގެ ބޯޓެއްގެ ޑީސީ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ޕެސެންޖަރުން ބާލައިފި

މޯލްޑިވިއަންގެ މަތިންދާބޯޓެއް ލ. ކައްދޫ އެއާޕޯޓުން ނައްޓާލަން އުޅެނިކޮށް ބޯޓުގެ ޑީސީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޕެސެންޖަރުން ބާލައިފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ސަން އަށް ވިދާޅުވީ މެންދުރު 11:30 އެހާކަންހާއިރު ބޯޓު ނައްޓާލަން އުޅެނިކޮށް ޑީސީ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ޕެސެންޖަރުން ބޭލުމަށް ފަހު އެހެން ބޯޓެއް އެތަނަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

ޑީސީ ޖަނަރޭޓަރަކީ ބޯޓަށް ބޭނުންވާ ކަރަންޓް ދިނުމަށާއި އެއާކަންޑިޝަން ޖެއްސުމަށް ބޭނުންކުރާ ޖަނަރޭޓަރެވެ.

"އިންޖީނަށް ދިމާވި މައްސަލަ ރަނގަޅުކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ އިންޖިނިއަރުން ކުރަމުން ދަނީ. ބޯޓަކަށް އެއްވެސް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ ނަމަ އަޅުގަނޑުމެން ދަތުރެއް ނުކުރާނަން. އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދެނީ އަބަދުވެސް ޕެސެންޖަރުންގެ ރައްކާތެރިކަމަށް،" އޭނާ ވިދާޅުވި އެވެ. "މިއީ އެއްގޮތަކަށް ވެސް އެހާ ސީރިއަސް މައްސަލައެއް ނޫން."

ހާރިސް ވިދާޅުވީ އެ ބޯޓަށް ދިމާވި މައްސަލައާ ގުޅިގެން އެތަނުގައި ތިބި ޕެސެންޖަރުން މާލެ ގެނައުމަށް އެހެން ބޯޓެއް ފުރުވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ސަން އެނގިފައިވާ ގޮތުގައި ޑީސީ ޖަނަރޭޓަރަށް މައްސަލަ ދިމާވީ ޑޭޝް8ގެ 50 ގޮނޑީގެ މަތިންދާބޯޓަކަށެވެ.

No comments:

Post a Comment

 
Top