Thursday, July 18, 2013

ނިޒާރު މަރާލި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި


 ލ. ގަމުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު މީހަކަށް ހަމަލާދީ މަރާލި މައްސަލާގައި އިތުރު މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި ގަމު މުކުރިމަގު އަވަށުގައި ހަމަލާދީ ލ. ގަމު ވުޑްލޭންޑް އަހުމަދު ނިޒާރު އިސްމާއިލް މަރާލި މައްސަލާގައި މިރޭ ހައްޔަރުކުރީ 22 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލައިގައި ފުލުހުން ކުރިން ވަނީ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު މިހާރު ވަނީ 15 ދުވަހަށް އިތުރުކޮށްފަ އެވެ.

ނަމަވެސް ހައްޔަރުކުރި ދެ މީހުންގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ނިޒާރަށް ހަމަލާދީފައި ވަނީ ފުޓްބޯޅަ މުބާރާތަކަށް ފޮނުވި ޖާޒީބައެއް ހިފައިގެން އިތުރު ތިން މީހުންނާއެކު ކައްދޫން އަންނަނިކޮށެވެ. އޭނާ އަށް ހަމަލާދިން ގްރޫޕުގައި މޫނު ނިވާކޮށްގެން ތިބި ތިން މީހުންނާއި މުނު ނިވާ ނުކޮށް ތިބި ދެ މީހުން ތިއްބެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނިޒާރުގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން އަންނަނީ މާލެ އިން ތަހުގީގު ޓީމެއް ގޮސް ލ. އަތޮޅުގައި ތިބި ފުލުހުންނާ ގުޅިގެން ކަމަށެވެ. އެ މަރުގެ މައްސަލާގައި އަދި އިތުރު މީހަކު ހައްޔަރު ނުކުރި ނަމަވެސް ތަހުގީގު ކުރިއަށްދާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނިޒާރުގެ ބޮލަށް ފުން ޒަހަމްތަކެއް ދީފައިވާއިރު ބުރަކަށީގައި ވެސް ޒަހަމްތަކެއް ހުއްޓެވެ. އަދި ކަނާތު ލޮލަށް އެއްޗެއް ކޮއްޕާލުމުން އަނިޔާލިބިފައިވާއިރު ދަތްދޮޅި އާއި ކޯތާފަތްމަތީގައި ވެސް ޒަހަމްތަކެއް ހުރި ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އާއިލާ އިން ބުނިގޮތުގައި ނިޒާރަށް ހަމަލާދީފައި ވަނީ އޭނާގެ ކޮއްކޮ ކަމަށް ހީކޮށް އޮޅިގެންނެވެ. އޭނާ ކޮއްކޮއާ ހަމަލާދިން މީހުންނާ ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށް ވެ އެވެ.

No comments:

Post a Comment

 
Top